ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެހީގައި ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އިދިކޮޅު ކޯލިޝަނުން ނިޒާމު ބަދަލުކުރަން ނަޝީދަށް އެހީތެރިވެވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ދެހާސް ހަތް ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިޒާމުގެ ވޯޓެއް ނެގި އެވެ. އޭރު ރައީސް ޔާމީނާއި ނަޝީދު ވެސް ތާއިދުކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ. ބޮޑު ތާއީދަކާއެެކު 2007 ވަނަ އަހަރު ގެނެސްފައިވާ ރިޔާސީ ނިޒާމު ބަދަލުކުރަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައިވާއިރު، އެ މަސައްކަތަށް އިދިކޮޅު ކޯލިޝަންގެ ތާއިދު ލިބޭނެކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވަ އެވެ. އެހެންވެ، އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ނަޝީދު ވަނީ ނުސީދާ ގޮތެއްގައި ޕީޕީއެމްއަށް ދައުވަތު ދެއްވައިފަ އެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ 2007 ގައި ނެގި ނިޒާމާ ބެހޭ ވޯޓުގައި ރާއްޖެ އަށް ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަން ރައްޔިތުން ނިންމުމާއެކު، އެ ދުވަހުން ފެށިގެން ޔާމީން މަސައްކަތްޕުޅު ކުރައްވަނީ އެ ވިސްނުމުގައި ކަމަށެވެ.

ރިޔާސީ ނިޒާމުގައި ފަސް އަހަރުގެ ދައުރެއް ވަރަށް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެއްވީ ވެސް ޔާމީން ކަމަށް ޣައްސާން ވިދާޅުވި އެވެ.އެހެންކަމުން ޕީޕީއެމާއި ޔާމީން ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއެއް ނުކުރާނެ ކަމުގެ ޔަގީންކަން ޣައްސާން ވަނީ ދެއްވައިފަ އެވެ.

"ރައީސް ޔާމީންގެ ފިކުރަކުން ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއެއްގައި އެއްވެސް ބަޔަކާއެކީ ބައިވެރިއެއް ނުވަން، ބައިވެރިވާ ގޮތަކަށް ވެސް ނޫން މި ހުރީ،" ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރަން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވި ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ޔާމީން މިނިވަންކުރުމަށް އެއްވެސް ބަޔަކާ ނުވަތަ މީހަކާއެކު ޑީލެެއް ނުހަދާނެ ކަމަށާއި ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ޔާމީން ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ވެސް ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށް ޣައްސާން ވިދާޅުވި އެވެ.

ނިޒާމާކާ ގުޅޭ ގޮތުން އޮގަސްޓު 18، 2007 ގައި ނެގި ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވާށެވެ.