ޖިންސީ ގޯނާގެ އެތަކެއް ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުުން އަންގައިފި އެވެ.

ސުޕްރީމް ކޯޓަށް އަލީ ވަހީދަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވީ އޮންލައިންކޮށް ބާއްވާ ޝަރީއަތަކަށެވެ.

ޔޫކޭގައި ހުންނަވައިގެން ޝަރީއަތުގެ އަޑު އެހުމުގައި ބައިވެރިވެވޭ ގޮތް އަލީ ވަހީދަށް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ދައުލަތުން އިސްތިއުނާފުކުރި މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލައިިގަނެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ހަވާލުކޮށްފަ އެވެ. އެގޮތުން އަލީ ވަހީދަށް އެންގީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 އަށް އަޑު އެހުމުގައި ބައިވެރިވުމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ދައުލަތުން ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ އޭނާ މިހާރު ރާއްޖޭގެ ގާނޫނު ނުހިގާ ތަނެއްގައި ހުރުމުންނެވެ.އޭނާ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލަން ނިންމި ނިންމުމުގެ މައްސަލަ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ނުގެންދެވުނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު ނުފޮނުވިގެންނެވެ. އެ ދެ ކޯޓުން ވެސް ނިންމީ، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އަޑުއެހުން ނުބޭއްވޭނެ ކަމަށެވެ.

ނަމަވެސް، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުގައި އެދުނު އިރު އަލީ ވަހީދު ވަނީ އޭނާ ދިރިއުޅޭ އެޑްރެހާއި ފޯނު ނަމްބަރުތައް ކްރިމިނަލް ކޯޓާ ހިއްސާ ކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މި ހަފުތާގައި ވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި އެވެ.