މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީގެ އެންގެވުމަށް ކައުންސިލުގެ އެހެން މެމްބަރުންތަކަކަށް ބަޔަކު ބިރުދެއްކި ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެެއްގައި ނަހުލާ ވިދާޅުވީ، ކައުންސިލަރުން ވިލިމާލެއަށް ދިޔަ ދުވަހު ހުންނެވީ ސަލާމުގައި ކަމަށެވެ. އަދި އެކަން އޮފީހުގެ ރިކޯޑުތަކުން އެގޭނެ ކަމަށެވެ. އޭނާ ވިދާޅުވެގެން ކަމަށް ބުނެ އެ ކައުންސިލަރުންނަށް ހަމަލަދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެކަނަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅަން ވެސް ވަނީ ފާސްކޮށްފަ އެވެ.
ނަހުލާ ވިދާޅުވީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އޭނާ ގާތުގައި އެހެން ކައުންސިލަރުން ވިލިމާލެ އަންނަ ވާހަކަ ވިދާޅުވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބުނާ ދުވަހަކު ވިލިމާލެ އައީ ކޮން ކައުންސިލަރުންތަކެއް ކަމަށް ވެސް ނޭގޭ ކަމަށް ނަހުލާ ވަނީ ވިދާޅުވެފަ އެވެ.
"ކައުންސިލާ އިން ތަކެއް ވަޑައިގަންނަވާ ކަމެއް އަދި ކަމާ ގުޅޭ މައުލޫމާތެއް މޭޔާ އަޅުގަނޑާ ހިއްސާ ކުރައްވާފައެއް ނުވޭ. އެހެން ކަމުން ވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް އަދި ކައުންސިލާއިންތަކެއް ވަޑައިގަންނަވާ ކަން ވެސް އެނގިފައެއް ނުވޭ،" ނަހުލާ ވިދާޅުވި އެވެ.
އިތުރަށް ނަހުލާ އޭނާގެ ދިފާއުގައި ވިދާޅުވީ، އެހެން މީހަކު މެދުވެރިކޮށް ވެސް އެއްވެެސް މީހަކަށް ބިރު ދައްކައިފައެއް ނުވާނެ އެވެ. އަދި ވިލިމާލެ ދާއިރާގެ މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.އޭނާ ވިދާޅުވީ، މި މައްސަލައިގައި އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށްފި ނަމަ ޖަވާބުދާރީ ވާނެ ކަމަށެވެ. އޭގެ ފަހުން މީޑިއާއާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
ނަހުލާ ވިދާޅުވެގެން ކައުންސިލަރުންތަކަކަށް ބިރު ދެއްކި ކަމަށް ބުނާ ދުވަހު ވިލިމާލެ އަށް ވަޑައިގަތީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހީމް އަބޫބަކުރާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އާމިނަތު ޔުމްނާ އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރެވެ.