ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި، ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކުން ދުރުވެ ތިބުމަށް، ވަކީލުންނަށް ބާ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯޓުތަކުގައި ޝަރީޢަތްތައް ކުރިއަށްދާ މަރުޙަލާގައި ވެސް ގާނޫނީ ވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ އަމަލުތައް ހިންގަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި، ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފު އަމަލުތަކުން ދުރުވެ ތިބުމަށް، އެންމެހާ ގާނޫނީ ވަކީލުންނަށް ބާ ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރުން ބާ ކައުންސިލުން ބުނީ، ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ބައެއް ގާނޫނީ ވަކީލުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ، ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ، އަދި އާންމުން ކޯޓުތަކަށް ކުރާ އިތުބާރަށް އަސަރުކުރާ ފަދަ އަމަލުތަކެއް ކަމަށްވާތީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހުރިހާ ވަކީލުން ވެސް ފަނޑިޔާރުންނާއި ކޯޓުތަކުގެ އިޙްތިރާމާއި ގަދަރު ހިފެހެއްޓުމަށް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގާނޫނީ ވަކީލުން އަމަލުކުރަން ޖެހޭ ސުލޫކާ ޚިލާފުވެއްޖެކަމުގެ މައުލޫމާތެއް އެ ކައުންސިލަށް ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ހިންގާފައިވާކަމަށް އެ ކައުންސިލަށް ފެނިގެން އެ މައްސަލައެއް އެ ކައުންސިލުގެ އިސްނެގުމުގެ މަތިން ބެލުމުގެ އިޚްތިޔާރު ލިބިފައިވާކަން ބާކައުންސިލުން ވަނީ ވަކީލުންނަށް ހަނދާން ކޮށްދީފަ އެވެ. އެހެންކަމުން އެކަންކަމަށް ގާނޫނީ ވަކީލުން ޚާއްސަ ސަމާލުކަމެއް ދެއްވައި، އެފަދަ އަމަލުތަކުން ރައްކާތެރިވެ ތިބުމަށް ބާ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފަ އެވެ.