ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 251،232 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް އެންމެ ފަހުން ޖަހާފައިވަނީ 4،391 މީހުންނެވެ. އެއީ ގްރޭޓާ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1،458 މީހުންނާއި އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 2،933 މީހުންނެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 347 މީހަކު ވަނީ ޖަހާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަޙައްދުން ޖެހި 122 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 225 މީހެކެވެ.

ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށައިފަ އެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ކޮވިޝީލްޑް އެއް ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.