ބޮލީވުޑް މަޝްހޫރު ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި އަތިޔާ ޝެޓީ އާއި އިންޑިއަން ކުރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ސުނިލް ޝެޓީ ރައްދު ދީފި އެވެ.

އަތިޔާ އާއި ކްރިކެޓް ކުޅުންތެރިޔާ ރާހުލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަތަކާ ގުޅިގެން މީޑިއާއިން ސުވާލުކުރުމުން ސުނިލް ބުނެފައި ވަނީ އެ ދެމީހުންނަކީ "ގުޑް ލުކިން ކަޕަލެއް" ކަމަށެވެ. އަދި އަތިޔާ މިވަގުތު ހުރީ އިންގްލެންޑްގައި ކަމަށާއި އަތިޔާ ދިޔައީ އެނާގެ ކޮއްކޮ އަދި ކޭއެލް ރާހުލްގެ ބެސްޓް ފްރެންޑް އަހާން ޝެޓީއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ކަމަށް ވެސް ސުނިލް ވަނީ ބުނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާހުލް އިންގްލެންޑަށް ވޯލްޑް ޓެސްޓް ޗެންޕިއަންޝިޕަށް ފުރުމުގެ ކުރިން އޭނާގެ ޕާޓްނަރުގެ ގޮތުގައި އަތިޔާ ޝެޓީގެ ނަން ލިސްޓްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރަށް ސުނިލް ބުނީ އެންމެ ފަހުން ރާހުލް އާ އަތިޔާ ކުޅުނު އިސްތިހާރުގައި އެ ދެ މީހުން ވަރަށް ގުޅޭ ކަމަށެވެ. އެ ދެ ތަރިން ބްރޭންޑް އެންބެސަޑަރަކަށް ހެދުން އެއީ އެ ކުންފުނީގެ ނިންމުމަކަށްވާއިރު އިތުރަށް އެ މީހުންނާ ސުވާލުކުރުމަށް ބުނެފައިވެ އެވެ.