އިންޑިއާގެ މަހަބުބަބާދުގައިވާ ވެމުނޫރު އޭ ކިޔުނު ސަރަހައްދުގެ ފަގީރު ދަނޑުވެރިއެއް ކަމަށްވާ ރެދްޔާ ނައިކްއަށް މިވަނީ ހިތްދަތި ހާދިސާއެއް ކުރިމަތިވެފަ އެވެ.

އުމުރު ދުވަހުގެ މަސައްކަތުން އޭނާ އެއްކުރި ފައިސާ ގޭގެ އަލަމާރިގައި ރައްކާކޮށްފައި ހުއްޓާ މީދަލެއް ވަނީ އެ ފައިސާތައް ކާލާފަ އެވެ.

ދަބަހަކަށް އަޅައި ފޮރުވާފައި ހުރި އެ ދެލައްކަ ރުޕީސް އަކީ އޭނާގެ ސާޖަރީއަކަށް ރައްކާކުރަން ފެށި ފައިސާ ކަމަށް ނައިކް ވަނީ ބުނެފަ އެވެ.

ތަރުކާރީ ވިއްކައިގެން އާމްދަނީ ހޯދަމުން އައި ނައިކް ބުނި ގޮތުގައި ގެއްލިގެން ދިޔަ ފައިސާތަކުގެ ތެރޭގައި އޭނާގެ ތިމާގެ މީހުން އަތުން ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާ ވެސް ހިމެނޭނެ ކަމަށެވެ. މީދާ ކާލި ފައިސާތަކުގެ ތެރޭގައި ހިމެނެނީ 500 ރުޕީސްގެ ނޯޓުތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ހަލާކުވި ފައިސާތައް ބަދަލު ކުރުމަށްޓަކައި ނައިކް ބޭންކްތަކަށް ދިޔަ ނަމަވެސް ބޭންކްތަކުން ވަނީ އޭނާގެ ފައިސާތައް ބަދަލުކޮށް ދިނުމަށް ދެކޮޅު ހަދާފަ އެވެ.

"އެންމެ ބޭންކެއް ނޫން. އެތައް ގިނަ ބޭންކް ތަކަށް އަހަރެން ދިޔައިން. އެކަމަކު ބޭންކުތަކުން ވަނީ އަހަރެންގެ ފައިސާތައް ބަދަލުކޮށްދެވެން ނެތް ކަމަށް ބުނެފައި،" އޭނާ ބުންޏެވެ.

ނައިކް އަކީ ބަނޑުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ވާއިރު އޭނާ ރައްކާކުރި ދެ ލައްކަ ރުޕީސްއަކީ ހަތަރު ލައްކަ ރުޕީސް ޚަރަދުވާނެ ސާޖަރީއަކަށް ރައްކާކުރި ފައިސާތަކެވެ.

ބޭންކުތަކުން ވަނީ މިކަމަށް ހައްލެއް ހޯދުމަށް ނައިކް ރިޒާވް ބޭންކް އޮފް އިންޑިއާއަށް ދިއުމަށް ލަފާދީފަ އެވެ. ނަމަވެސް މީދާ ކެއުމަކީ ފައިސާގެ ނޫޓު ބަދަލު ކުރެވޭނެ ހާލަތެއް ކަމަށް އެ ބޭންކުގެ ގަވާއިދުތަކުގައި ނޯވެ އެވެ.