ދެކުނު ކޮރެއާ މާކެޓަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ހާއްސަ ކެމްޕެއިނެއް އެމްއެމްޕީއާރުސީން ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭން ކުރިއަށް ގެންދަނީ ދެކުނު ކޮރެއާގެ އެންމެ މަގުބޫލު އެއް ޓްރެވެލް އޭޖެންސީ ޕާމް ޓުއާސްއާ ގުޅިގެން ކަމަށެވެ. އަދި މީއީ ރާއްޖެއަކީ ހަނީމޫން ހޭދަކުރަން މަގުބޫލު އަދި ރައްކާތެރި މަންޖިލެއް ގޮތުގައި އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޕާމް ޓުއާސްއާ ގުޅިގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ހަރަކާތްތަކުގެ ދަށުން ޕާމް ޓުއާސްގެ ވެބްސައިޓްގެ އެންމެ ބޮޑު ބެނާގައި ރާއްޖެ އިޝްތިހާރު ކުރަން ހަމަޖެހިފަ އެވެ. އަދި މި ބެނާ މެދުވެރިކޮށް ދެކުނު ކޮރެއާގައި ބޭނުންކުރާ އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ލިންކް ކުރެވޭނެ އެވެ.
އޮންލައިން ޕްރޮމޯޝަންތަކުގެ އިތުރުން އަންނަ މަހުގެ 21 އިން 22 ނިޔަލަށް ކުރިއަށް ގެންދާ ހަނީމޫން އިވެންޓްގައި ޕާމް ޓުއާސްއިން ރާއްޖެއަކީ އެންމެ މަގުބޫލް ހަނީމޫން ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ހަނީމޫން ޕްރޮޓެކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި އިވެންޓް މެދުވެރިކޮށް ރާއްޖެއަށް 80އަށް ވުރެ ގިނަ ބުކިން ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދެކުނު ކޮރެއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. 2019 ވަނަ އަހަރު ދެކުނު ކޮރެއާއިން ރާއްޖެއަށް 36،609 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި މާކެޓުވެގެން ދިޔައީ 12 ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމަށެވެ.