ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓްގެ އޮރިޒިނަލް ވެބް ސީރީޒް "ގާލްފްރެންޑްސް" ޓީޒާ އާންމުކޮށްފި އެވެ.

އޯކޭޒް އިންކް އިން ޕްރޮޑިއުސްކުރާ "ގާލްފްރެންޑްސް" އަކީ މުހައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓެކެވެ. ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ މަޝްހޫރު ސްކްރީން ރައިޓަރު މަހްދީ އަހްމަދު އެވެ.

މަޝްހޫރު ކެމަރާމަން އަދި ޑައިރެކްޓަރު އިބްރާހިމް ވިޝާން (ކަނޑި) ޑައިރެކްޓްކުރާ "ގާލްފްރެންޑްސް" އަކީ ކްރައިމް ތުރިލާ ޖޯންރާއަށް ހެޔޮވަރުކޮށްގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ވެބް ސީރީޒް އެކެވެ.

މުޖުތަމައި ތެރޭގައި މިހާރު ޖެހޭ ބޮޑެތި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވެބް ސީރީޒުން ފެނިގެންދާނީ މި ފަހުން ފިލްމީ ދާއިރާ އިން ފެންނަން ފެށި އާ މޫނުތަކެކެވެ. އޭގެ ތެރޭގައި އައިޝާ އަލީ، މައިހާ، އައިޝަތު ލަހުފާ އަދި އަހުމަދު ޝާރިފް ހިމެނެ އެވެ.

"ގާލްފްރެންޑްސް"ގެ ޓީޒާ މިހާރު އާންމުކޮށްފައި ވީނަމަވެސް މި ސީރީޒް މީޑިއާނެޓްގެ މަލްޓި ސްކްރީން އަދި އެމްއެސް ޓީވީން ދެއްކުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ގާލްފްރެންޑްސް" ގެ ތީމް ލަވަ ވެސް މިހާރު ވަނީ ނެރެފަ އެވެ.