ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 80 ޕަސެންޓް މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓްގައިވާ ގޮތުން ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 80 ޕަސެންޓަށް އަރާފަ އެވެ.

ކާމިޔާބުކަމާއެކު ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައި މިވަނީ "އައިއޭމް ވެކްސިނޭޑެޓް"ގެ ނަމުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ޖެހުމުގެ ކެމްޕޭނެއް ވެސް ފަށާފައި ވަނިކޮށެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ. އެ މިނިސްޓްރީން ބުނީ 97 ޕަސެންޓް މުވައްޒަފުން ޓޫރިޒަމް ދާއިރާ އިން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި 320،887 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި 259،761 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ކޮވިޑް ދިފާއުގެ ނަމުގައި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ދައުލަތުގެ ތިން ބާރުގެ ވެރިންނެވެ.

މިހާރު ރާއްޖޭގައި ދެމުން ގެންދަނީ އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން އިފެއްދި ސިނޮފާމް ވެކްސިނެވެ. އަދި ޚާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ވެސް ޖަހައެވެ.