ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ އެހީ އިތުރުކޮށް، އެކަމާ ގުޅޭ އެއްބަސްވުން އައުކޮށްފިއެވެ.

އެހީ އިތުރުކޮށް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައުކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވީ އެކަމަށްޓަކައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ޖައިޝަންކަރެވެ. މުޖުތަމައަށް އޭގެ ބޮޑު ފައިދާއެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާއެވެ. މި އެމްއޯޔޫގައި ސޮއިކުރުމާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެމްއޯޔޫގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މާޗް، 17، 2009 ގައެވެ.

މި ޕްރޮޖެކްޓްތަކުގެ ބޭނުމަކީ މުޖްތަމައަށް އޭގެއިން އިގްތިސޯދީ އަދި އިޖްތިމާއީ ހެޔޮ އަސަރުތަކެއް ކުރުވާނެ މަޝްރޫއުތަކެއް ހިންގުމެވެ.

މި މަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރެވޭ އިދާރާގެ ބެލުމުގެ ދަށުންނެވެ. ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ. އެއީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތައް، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިތުރުން ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ މަޝްރޫއެވެ.

ފޮރިން މިނިސްޓްރީން ބުނީ 85 މިލިއަން ރުފިޔާއިން 155 މިލިއަން ރުފިޔާއަށް ހިލޭ އެހީގެ އަދަދު ބޮޑުކުރަން ނިންމާފައިވާއިރު، ކުރިން ހަމަޖެހުނު 85 މިލިއަން ރުފިޔާއަށް އެކި ޕްރޮޖެކްޓްތައް މިހާރު ހިންގަމުންދާ ކަމަށެވެ. އަލަށް އިތުރުކުރެވުނު 70 މިލިއަން ރުފިޔާއިން ހިންގާނެ މަޝްރޫއުތަކުގެ ތަފްސީލްތައް ސަރުކާރުން ފަހުން އިއުލާންކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.