ރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވައިފި އެވެ.

މިނިވަން ދުވަހުގެ ދިދަ ނެގުން އޮތީ މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

ދިދަ ނެގުމުގެ މި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްސަ ދުއާއެއް ކޮށްފައިވެ އެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައި ވަނީ އައްޝައިޚް އަހުމަދު އަބްދުލްކަރީމެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.