ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އެމްގުމެއްގައި ބުނެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ވަނީ އަންގާފަ އެވެ.

ފަސޭހަކަމާއެކު ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާތައް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވެކްސިން ނުޖެހޭ މުވައްޒަފުން އެ ސަބަބު ބަޔާންކޮށް އެޑިއުކޭޝަނަށް މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ. އެއީ އެޗްޕީއޭ އިން ދޫކުރާ ލިޔުމަކަށް ވާންޖެހެއެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ތިން ލައްކައަށް ވުރެ ގިނަ މީހުން ވަނީ ޖަހާފަ އެވެ. އަދި ދެލައްކައަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭވަރަށް ވެކްސިން މިހާރު ވަނީ ލިބިފަ އެވެ. އެގޮތުން ޗައިނާއިން ވަނީ އިތުރު ހަތަރު ލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމުން ކަމަށެވެ.