މަސްތުވާ އެއްވެސް އެއްޗެއް އަދި ބަނގުރާވެސް އެއްވެސް އިރަކު ބޭނުން ކޮށްފައިނުވާނެ ކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ބުނެފި އެވެ.

ލަވަކިޔުން ދޫކޮށްލުމަށްފަހު، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދާ އަލީ ރަމީޒް މިހެން ބުނެފައި ވަނީ ބަނގުރަލާއި މަސްތުވާތަކެތި އާ ބެހޭ ގޮތުން އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓަކަށް މީހުކު ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ބަނގުރަލުގެ ހުރި ނުބައިކަމާއި ގުޅޭގޮތުން އަލީ ރަމީޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓްގައި ބުނެފައިވަނީ އަލީ ރަމީޒް ލަވަ ކިޔަން އުޅުނު ދުވަސްވަރު ބަނގުރާ ބޭނުންކުރި ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ބަނގުރަލާ ބެހޭ ގޮތުން އަލީ ރަމީޒް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް

އެކަމާ ގުޅިގެން އަލީ ރަމީޒް ބުނެފައިވަނީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ބަނގުރާ ބޭނުންކުރި މީހެއް ނޫން ކަމަށާއި މަސްތުވާތަކެތި ވެސް ބޭނުން ކޮށްފައިނުވާނެ ކަމަށެވެ.

"ހަތް އުޑުގެ ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް ބަނގުރަލެއް ނުބޮމެވެ. އޭގެ ތިއްކެއް ވެސް ދުލުގައި ޖައްސާ ނުލަމެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއްވެސް ބޭނުން ނުކުރަމެވެ. އަލްހަމްދުﷲ. ކަލޭ ﷲ އަށް ތައުބާ ވާށެވެ." އަލީ ރަމީޒު ބުންޏެވެ.

ބަނގުރާ ބުއިމަކީ މާތް ﷲ މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަމެކެވެ. އެކަމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ.

ބަނގުރަލުގެ ވާހަކަ މިއަދު ކުއްލިއަކަށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަނގުރާ ބުއި ހުއްޓާލިކަމަށް ބުނާ ލިޔުމެއް ދައުރުވާ ފެށުމުންނެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް ފާޑުކިޔަމުންނެވެ.