ކޮވިޑް ޖެހިގެން ފުވައްމުލަކުން ފުރަތަމަ މީހާ މިއަދު މަރުވެއްޖެ އެވެ.

އުމުރުން 94 އަހަރުގެ އެ މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރައިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:00 އެހާކަށްހާއިރު ފުވައްމުލަކުގައި މަރުވި މީހަކު އެރަށުގެ ހޮސްޕިޓަލަށް ގެންގޮސް މިހާރު އޮންނަ އުސޫލުގެ ދަށުން އެ މީހާ ކޮވިޑަށް ކުރި ޓެސްޓުކުރިއިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޮވިޑް ފެތުރޭތީ މޮނިޓަރިންއަށްލާފައިވާ އެ ރަށުން މިހާތަނަށް 880 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 828 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. އަދި 53 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އިއްޔެ ވެސް އެ ރަށުން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން ރާއްޖޭގައި މީހަކު މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މިހާރު ޕޮޒިޓިވްވާ އަދަދު ދުވާލަކު އުޅެނީ 100 ގަ އެވެ.

ކޮވިޑަށް މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ބަލިން ދިފާއުވުމަށް ވެކްސިންގެ ބޮޑު ކެމްޕޭނެއް ވެސް ވަނީ ފަށައިފަ އެވެ.