ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ހެދުމަށްޓަކައި ހާއްސަ ވެކްސިން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެޗްޕީއޭއާއި ގުޅިގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިކެމްޕޭނަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވީހާވެސް ބޮޑަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުވުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕޭނެއް ކަމަށެވެ.
މި ކެމްޕޭންގެ މަގުސަދަކީ ކިޔެވުން މެދު ނުކެނޑި ސްކޫލްތައް ބަންދު ނުކޮށް، ކުރީގެ ހާލަތުގައި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ސްކޫލްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ މި ކެމްޕެއިންގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމު ކަމާ ގުޅޭ މައުލޫމާތު ޓީޗަރުންނާއި، ތައުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވެ އެވެ. ސްކޫލްތަކުގެ މުވައްޒަފުންނަށް މިއަދު ފެށުނު ވެކްސިނޭޝަން ޕްރޮގްރާމް މާލޭ ސަރަހައްދާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ދާނެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްގެން ތިބި މީހުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ސްކޫލް މާހައުލަކީ ކޮވިޑް ރައްކާތެރި ތަނަކަށް ހެދުމަށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.