ލޭޑީސް ފިންގާސްއަކީ ތަރުކާރީގެ ތެރެއިން އާއްމުކޮށް ބޭނުން ކުރާ އެއް ބާވަތެކެވެ. ހުޅުތަކަށް ލިބޭ ފައިދާގެ އިތުރުން ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ ކަމަށް ބުނާ ތަރުކާރީއެކެވެ.
ފުރަތަމަ ކަމަކަށް ލޭޑީސް ފިންގާސްއަކީ ހަކުރުބަލި ކޮންޓްރޯލް ކުރުމަށް މުހިއްމު މާއްދާއެއް ކަމަށްވާ ފައިބާ މުއްސަނދި ތަރުކާރީ އެކެވެ. އޭގައި އެކުލެވޭ ފައިބާގެ ސަބަބުން ހަށިގަނޑުން ހަކުރު ނަގައިދޭ މިންވަރު މަދު ކޮށްދެ އެވެ.
ހަކުރު ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކާ ކެއުމަށް ބެލުމެއް ނޫނެވެ. އެއާއެކު ނަފުސާނީ ދުޅަހެޔޮކަން ޔަގީންކުރުމަކީ ވެސް އެކަމަށް އޮތް ހައްލެކެވެ. ލޭޑީސް ފިންގާސްގައި ހިމެނޭ އެންޓި އޮކްސިޑަންޓްގެ ސަބަބުން ސްޓްރެސް ދަށްކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ޔަގީން ކޮށްދެ އެވެ.
ދިރާސާތައް ދައްކާ ގޮތުގައި ހަކުރު ބަލި ހުންނަ މީހުންގެ ކޮލެސްޓްރޯލް ވެސް މަތިވުން ވަރަށް ގާތެވެ. އެހެންކަމުން ކޮލެސްޓްރޯލް ދަށްކޮށްދޭ ކެއުންތައް ކެއުމަކީ އާއްމު ސިއްހަތަށް މުހިއްމު ކަމެކެވެ. ލޭޑީސް ފިންގާސްއަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްއާއި ފައިބާގެ ސަބަބުން އެކަމަށް އެހީވެދޭ ތަރުކާރީ އެކެވެ.
ކެއުމުގައި ލޭޑީސް ފިންގާސް ބޭނުން ކުރެވިދާނެ ބައިވަރު ގޮތް ހުރެ އެވެ. ފިޔައާއި މިރުހާއެކު ސެލެޑް ހަދައިގެން ނުވަތަ ފެނަށް އަޅައި އެއްރޭ ބެހެއްޓުމަށްފަހު އޭގެ ފެން ވެސް ބޮވިދާނެ އެވެ.