މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ސްޓެލްކޯއަށް ދީފައިވާ ބިމުގައި ހުރި އެކުންފުނީގެ މުދާ މާލެ ސިޓި ކައުންސިލުން ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިޓީ ކައުންސިލުން ނަގާފައި ވަނީ އެ ކުންފުންޏަށް އިންޑަސްޓްރިއަލް ވިލެޖުން ދީފައިވާ ބިމުގައި ޖަހާފައިވާ ފެންސުތަކެއް ކަމަށެވެ. އަދި އެ ފެންސުތައް ކައުންސިލުން އެހެން ބިމެއްގައި މިހާރު ބޭނުން ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އޮފިޝަލު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދު ހުސްކުރިއިރު، އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ބަހައްޓާފައިވާ ތަކެތި ވެސް ގެއްލިފައިވާ ކަމަށެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ސްޓެލްކޯއަށް ދީފައިވާ ބިން

"އަޅުގަނޑުމެން މިތާނގައި ފެންސް ޖަހައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗާ ވެސް ގާއިމު ކުރިން. ނަމަވެސް މި ބަންދުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގަ ހުރި ފެންސުތައް ކަނޑާ ނަގާފައި، ޓިނުތައް ނައްޓައި ހޮޅިތަކާ އެއްޗެހި ނަގައި އެ އެއްޗެހިތައް ބޭނުން ކޮށްގެން މާލެ ސިޓީކައުންސިލުން ވަނީ މި ބިމާ ޖެހިގެން އޮތް ބިމުގައި ފެންސް ޖަހައި ނިންމާފައި،" ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ސްޓެލްކޯއަށް ދީފައިވާ ބިން

2016 ވަނަ އަހަރު ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދީފައި ވަނީ އެ ސަރަހައްދުގައި ބެކަޕް ޕަވާ ހައުސްއަކާއި ބެކަޕް ބެޓަރީ ސްޓޯރެޖެއް ގްރިޑް ޕްރޮޖެކްޓުގެ ދަށުން ތިލަފުއްޓާއި މާލެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލަން ބޭނުންވާ 132 ކިލޯވޯޓުގެ ސަބްސްޓޭޝަން ގާއިމުކުރުމަށްޓަކަ އެވެ.

މި މައްސަލަ ސްޓެލްކޯއިން މިހާރު ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.