މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ސިޓީ ކައުންސިލުގެ އިޚްތިސާސްގެ ދަށުގައި އޮތް ބިމެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
އެ މިނިސްޓްރީން މިގޮތަށް ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލުން އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދީފައިވާ ބިން ހުސްކުރުމާ ގުޅިގެން އެ ކުންފުނިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއިކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމަށެވެ. އެހެން ކަމުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމާއި އެތަނުން ނަގާފައިވާ ތަކެތި އަނބުރާ ސްޓެލްކޯއަށް ދިނުމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިޓީ ކައުންސިލުން ނަގާފައި ވަނީ އެ ކުންފުންޏަށް އިންޑަސްޓްރިއަލް ވިލެޖުން ދީފައިވާ ބިމުގައި ޖަހާފައިވާ ފެންސުތަކެއް ކަމަށެވެ. އަދި އެ ފެންސުތައް ކައުންސިލުން އެހެން ބިމެއްގައި މިހާރު ބޭނުންކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދު ހުސްކުރިއިރު، އެ ކުންފުންޏަށް އަންގާފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ބަހައްޓާފައިވާ ތަކެތި ވެސް ގެއްލިފައިވާ ކަމަށެވެ.
2016 ވަނަ އަހަރު ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދީފައި ވަނީ އެ ސަރަހައްދުގައި ބެކަޕް ޕަވާ ހައުސްއަކާއި ބެކަޕް ބެޓަރީ ސްޓޯރޭޖެއް ގްރިޑް ޕްރޮޖެކްޓްގެ ދަށުން ތިލަފުއްޓާއި މާލެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލަން ބޭނުންވާ 132 ކިލޯވޯޓުގެ ސަބްސްޓޭޝަން ގާއިމުކުރުމަށްޓަކަ އެވެ.