ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ބައެއް ގްރޭޑްތަކުގެ ފޮތްތަކުގެ ހާޑް ކޮޕީ ލިބިފައި ނުވިނަމަވެސް، އަންނަ މަހު ފަހުކޮޅު ފޮތްތައް ހަމަވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ކިޔެވުން ފެށުމަށްޓަކައި މިހާރު މިނިސްޓްރީން ވަމުން އަންނަ ތައްޔާރުތަކާ ބެހޭ ގޮތުން މިއަދު މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފޮތްތައް ގެންނަނީ ރާއްޖޭން ބޭރުން ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. ފޮތްތަކުގެ ހާޑު ކޮޕީ ފޯރުކޮށްނުދެވުނަސް ފޮތްތަކުގެ ސޮފްޓް ކޮޕީ މިހާރު ހުރިހާ ސްކޫލުތަކަށް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
".... ހާޑް ކޮޕީޒް ނުލިބިގެން ދަރިވަރުންނަށް ފިލާވަޅު ނުގެއްލޭނެ ސޮފްޓް ކޮޕީޒް ހުރީމަ. އަޅުގަނޑުމެން ބޮޑަށް ހަމަ ޑިޖިޓައިޒް ފޮތްތަކާ ދިމާލަށް މި ދަތުރު ކުރަނީ އެހެންވީމަ ސޮފްޓް ކޮޕީޒް ހުރިހާ ކުދިންނަށް ފޯރު ކޮށްދެވިފަ ހުންނާނީ ހާޑް ކޮޕީޒް ބޭނުންވާ ފިލާވަޅުތަކަށް ފޮޓޯ ކޮޕީ ނަގާފަ އެވެސް އަޅުގަނޑުމެން ހަމަ ފޯރުކޮށްދޭނެ،" މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިއަހަރު މަތީ ގްރޭޑްތަކަށް ކިޔަވައިދޭނީ ޑިޖިޓަލައިޒް ފޮތްތަކުން ކަމަށެވެ.
"އަދި ހަމަ ފާހަގަ ކޮށްލާނަން ގުރޭޑް 9 އަކާއި 11 ގެ ދަރިވަރުން މިފަހަރު ހަމަ މުޅިންވެސް ކިޔަވާނީ ޑިޖިޓައިޒް ކޮޕީ ބޭނުންކޮށްގެން ފޮތްތަކުން،" މިނިސްޓަރު ވިދާޅުވިއެވެ.
ކިޔަވައިދިނުންފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށާއި، ސުކޫލުތަކުގައި ކިޔަވައިދޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ދަރިވަރުންނަށް ވެކްސިންޖެހުމަށް ހާއްސަ ޕްރޮގުރާމެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން ބެލެނިވެރިން ކޮވިޑް ވެކްސިން ޖެހިކަން އަންގައިދިނުމަށް ހާއްސަ ކާޑެއް ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު މިއަދު ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ.