އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގައި އަދިވެސް ގޮތެއް ނިންމާފައިނުވާތީ އެމްޑީޕީ މަޖިލިސް މެމްބަރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ދައުވާކުރަން އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވި ހިސާބުން ފެށިގެން މިނިސްޓަރު މަހުލޫފު ވަނީ މަގާމުން އެކަހެރި ކުރައްވާފަ އެވެ. މިމައްސަލާގައި ޕީޖީ އޮފީހުން ގޮތެއް ނިންމުމުގައި ގިނަ ދުވަސްވާތީ މިނިސްޓަރު މަހުލޫފު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަމާ ގުޅިގެން ޕީޖީ އޮފީހަށާއި އޭސީސީއަށް މަހުލޫފު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މަހުލޫފު މައްސަލާގައި ޕީޖީ އޮފީހުން ކަންތައް ކުރައްވާ ގޮތާއިމެދު ހިތްހަމަޖެހިވަޑައިނުގެން މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ޔޫތު މިނިސްޓަރު މަހްލޫފާ މެދު ކަންކުރެވެމުންދާ ގޮތަކީ ގައުމުގެ ގިނަ ޒުވާނުން ވަރަށް ގާތުން ބަލަމުންދާ ކަމެއް ކަމަށެވެ.

މި މައްސަލައިގައި ދައުވާނުކޮށް ގިނަ ދުވަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މަހްލޫފާ މެދު ގޮތެއް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް އެކަމުން ލިބޭ ގެއްލުމެއް ކަމަށެވެ.

ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް (ސަމްޕަތު) ވިދާޅުވީ މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުންދާ ގޮތް ފެންނަ ކަމަށެވެ. ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އެއްވެސް މީހަކު "ކަތިލެވިގެން" ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މިނިސްޓަރު މަހްލޫފްގެ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން މުހައްމަދު ވިދާޅުވީ މަހްލޫފަކީ ވުޒާރާއާ ގުޅުންހުރި ދާއިރާތަކުގެ މަސައްކަތްތަކުގައި އަވަދިނެތި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ވަޒީރެއް ކަމަށެވެ.

މިނިސްޓަރު މަހްލޫފާ މެދު ޕީޖީ ގޮތެއް ނިންމެވުން ލަސްކުރަމުންދާތީ މިނިސްޓަރު މަހްލޫފް ވަނީ އެ މައްސަލާގައި ކޮންމެވެސް އެއްގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑއިގެންފަ އެވެ.

އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާއިރު، އެ ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް މަހުލޫފް ވިދާޅުވީ އެއީ އޭނާގެ އާއިލީ ވިޔަފާރީގައި ޑޮލަރު އެކައުންޓެއް ނެތުމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށެވެ. އަދި އެއީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.