ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މޮޅު ކެމެރާމަން އަދި ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ޑްރާމާ ސިލްސިލާ "ބީވުން" ފަށަން ތައްޔާރުވެއްޖެ އެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ މިޑްރާމާއާ ބެހޭ ގޮތުން އައްޔަ ބުނީ މި ޑްރާމާގެ ވާހަކަ ބިނާ ވެފައި ވަނީ އާއިލާއެއްގެ ތެރޭގައި ދިމާވާ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ކަމަށެވެ. އަންނަ މަހުގައި ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު މިހާރު ކުރަމުންދަނީ މި ޑްރާމާއަށް ކާސްޓުން ފައިނަލްކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ބުންޏެވެ.

ތޭރަ އެޕިސޯޑްގެ މައްޗަށް ހަދާ ޑްރާމާގެ ވާހަކަ ލިޔެފައި ވަނީ އައްޔަގެ އަންހެނުން އައިމިނަތު ރިނާޒާ އެވެ.

ރިނާޒާއަކީ ބައިސްކޯފުގައި ދެއްކި މަގުބޫލު ޑްރާމާ ސީރީޒް "ހަނާ"ގެ އިތުރުން "ހިތޭދޭމީ" އަދި "ފުރަބަންދު"ގެ ލިޔުންތެރިޔާ އެވެ.

"ބީވުން" އަކީ މޭޓް ސްޓޫޑިއޯގެ ފަރާތުން މުހައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކުރާ ޑްރާމާއެކެވެ.

ކުޅަދާނަ ކެމެރާމަން އައްޔަ އެންމެ ފަހުން ޑައިރެކްޓް ކޮށްފައި ވަނީ ޝަހުޒާ އާއި އަމަން ލީޑު ރޯލުން ފެނިގެން ދިޔަ ޑްރާމާ "ޝަކުވާ އަކާނުލާ" އެވެ.

އައްޔަ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ފޯޑްގެ ކުރިޔަށް އޮތް ޑްރާމާ "ރޭރޭ" ގަ އެވެ.