ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
ޑރ. ޒިޔާދްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މާދަމާ ތާވަލުކޮށްފައިވަނީ މެންދުރު 1:30 ގަ އެވެ.
ޕީޖީ އޮފީހުން ބުނީ ޒިޔާދުގެ މައްޗަށް މި ދައުވާ އުފުލީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ބުނެފައިވެ އެވެ.
ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޒިޔާދުގެ އިތުރުން މި މައްސަލައިގައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު ގެ މައްޗަށް ވެސް ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.