ނިއު ދިއްލީ (23 އޮގަސްޓް) - އިންޑިއާގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމް އިތުރަށް ފުޅާނުކޮށްފި ނަމަ، އެ ގައުމަށް ކޮވިޑްގެ ތިންވަނަ ރާޅެއް ކުރިމަތިވެ، ދުވާލެއްގެ މައްޗަށް 600،000 މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ޑިޒާސްޓާ މެނޭޖްމަންޓް އިން ވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެ ގައުމަށް ކޮވިޑްގެ ތިންވަނަ ރާޅެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކޮށްފަ އެވެ.

އިންޑިއާގެ ސަރުކާރުން ރާވާފައިވާ ގޮތަށް ދުވާލަކު 10 މިލިއަން މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވިއްޖެ ނަމަ ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަ މިންވަރު 200،000 އަށް ތިރިކުރެވިދާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ކޮވިޑްގެ ދެވަނަ ރާޅުގައި އިންޑިއާއަށް ކުރިމަތިވި ހާލަތު ކުރިމަތިވިޔަ ނުދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ހޮސްޕިޓަލުތަކުގެ އެނދު އިތުރުކޮށް، އޮކްސިޖަން ފަދަ އެހެނިހެން ސިއްހީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

މެއި މަހު ކުރިމަތިވި ދެވަނަ ރާޅުގައި ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ ކޭސް ފެނުނުއިރު، އެ ހާލަތުގައި ގެންގުޅުއްވި ސިޔާސަތުތަކާ ހެދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

އިންޑިއާގައި ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވަނީ އެ ގައުމުގެ އެންމެ ނުވަ ޕަސެންޓް މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް