ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ސ. ހިތަދޫ، އާސީނުގެ، އިބްރާހީމް ހޫދު އެ މަގާމުން ވަކިކުރައްވައި، ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހޫދު މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. މި ބަދަލުގެންނެވި ކަމަށް ވިޔަސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ އެއްފަދައިން އަދާކުރައްވަމުން ގެންދަވާނީ ހޫދު ކަމަށް ވެސް އެއޮފީހުން ބުނެ އެވެ.

ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން، ހޫދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވާފަ އެވެ.