ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބް އާއި މުހައްމަދު މަނިކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ އެވެ.
ޝީލާ އާއި މަނިކު އެމްއެންޕީއަށް ސޮއިކޮށްފައި ވަނީ އެ ޕާޓީގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ފޯމުތަކާ ހަވާލުވީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މަނިކު ވަނީ ޕީޕީއެމްއާ ގުޅި، ފެނަކަ ކޯޕަރޭޝަންގެ ވަޒީފާ ވެސް އަދާކޮށްފަ އެވެ.
އެމްއެންޕީން ބުނީ އެ ދެ ފަންނާނުން އެ ޕާޓީއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެ ދެ ފަންނާނުން އެމްއެންޕީ އާ ގުޅުމުން އެ ޕާޓީން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.
އެމްއެންޕީން ދަނީ ރާއްޖޭގެ ފަންނާނުންނާއި ސިޔާސީ ދާއިރާގެ އިސް ތަޖުރިބާ ކާރުން ވެސް ގުޅުމަށް ދައުވަތު ދެމުންނެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވެސް އެ ޕާޓީއަށް ގުޅުމަށް ނިންމާފައިވާ ކަމަށްވެ އެވެ. އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ދާދި ފަހުން ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. މީގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުން ވެސް އަންނަނީ އެމްއެންޕީއާ ގުޅެމުންނެވެ.
އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެމްއެންޕީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާއިރު ވެސް 5،000 މެމްބަރުންނަށް ވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމަށެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.