ދީނަށްޓަކައި އެކި މީހުން ގުރުބާން ވަނީ އެކި ގޮތަށެވެ. އެއްބަޔަކު މާތްﷲގެ މަގުގައި އެ މީހުން މާލާއި މުދަލުން ހޭދަ ކުރާއިރު އަނެއް ބަޔަކީ ޖާނުން ފިދާވާން ވެސް ފަސް ނުޖެހޭ ބައެކެވެ.

އިރާގު- ކުރްދީ ނަސްލަށް ނިސްބަތްވާ އިނގިރޭސި ރައްޔިތެއް ކަމަށްވާ މުހައްމަދު އާދަމްއަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމަށްވާ ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި އޭނާގެ ޖާނާއި މާލުން ހޭދަ ކުރަމުން އަންނަ މީހެކެވެ.

އުމުރުން 50 އަހަރުގެ މުހައްމަދު ވަނީ 1443 ވަނަ އަހަރުގެ ހައްޖު މޫސުމަށް މައްކާގެ މާތްވެގެންވާ ބިމަށް ފައިމަގުގައި ދިއުމަށް އަޒުމު ކަނޑައަޅައި އެކަމަށް ދަތުރު ފަށާފަ އެވެ.

އިނގިރޭސި ވިލާތުން ސައޫދީ އަރަބިއާއަށް ދިއުމަށްޓަކައި ކުރާ 6،500 ކިލޯމީޓަރުގެ އެ ދަތުރުގައި މިހާތަނަށް ނެދަލޭންޑްސް އާ ހަމައަށް ދެވިފައިވާއިރު ސައޫދީ އަރަބިއާއަށް ދެވުމުގެ ކުރިން އަދިވެސް ޖަރުމަނު ވިލާތް، ޗެކްރިޕަބްލިކް، ބަލްގޭރިއާ، ތުރުކީ، ސީރިއާ އަދި އުރުދުން ހުރަސް ކުރަން ޖެހޭނެ އެވެ.

"މި ދަތުރު މަތީގައި ހެއްދެވި ފަރާތަށް ވަކީލުކޮށް ތައުބާވެ އިންސާނިއްޔަތަށްޓަކައި ދުއާ ކުރަން އަޒުމު ކަނޑައަޅައިގެން ދަތުރު ފެށީ،" މުހައްމަދު ބުންޏެވެ.

މި ދަތުރުގައި އޭނާގެ ބައިވެރިޔަކީ 300 ކިލޯއަށްވުރެ ބަރު ދަމާ ގާޑިޔަލެކެވެ. މި ގާޑިޔަލަކީ އެތައް މަހަކަށް ދެމިގެންދާނެ އެ ދަތުރުގެ އެކި މޫސުމުގައި މުހައްމަދު ކައްކާ ކައިބޮއެ އުޅޭ ތަނުގެ އިތުރުގެ ނިދާ ތަން ވެސްމެ އެވެ.

މުހައްމަދު އާދަމް އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލު ކުރީ އިރާގުގެ އަސްކަރިއްޔާއަށް ހިދުމަތްކޮށް ހަނގުރާމައިގެ އަސީރެއްގެ ގޮތުގެ ހައްޔަރު ވުމަށްފަހު 1990ގެ ކުރީކޮޅު އެވެ.