ކޮވިޑާ ގުޅިގެން ބަންދުކޮށްފައިވާ އޮލިމްޕަސް މިމަހުގެ ތެރޭގައި އަލުން ހުޅުވާނެ ކަމަށް ނެޝެނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.
އެންސީއޭއިން ބުނީ މިމަހުގެ ތެރޭގައި އަލުން އޮލިމްޕަސް ހުޅުވިގެންދާއިރު ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ކެފޭ އޭރިއާ ބޮޑުކޮށް ޓިކެޓް ކައުންޓަރު އެހެން ދިމާލަކަށް ބަދަލުކުރުން ހިމެނެ އެވެ.
ފަސްދޮޅޮސް އަހަރުވެފައިވާ އޮލިމްޕަސް މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު މަރާމާތުކުރަން ފެށީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެފައި ވާތީ އެވެ.
އޮލިމްޕަހުގައި އަލުން ފިލްމުއަޅުވާއިރު، ހިދުމަތްދޭނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށެވެ. ޖެނުއަރީ މަހުގެ 24ގައި އެޗްޕީއޭ އިން ނެރުނު ސިނަމާ ހިންގުމާއި ސިނަމާ ބޭނުންކުރުމުގެ އުސޫލުގައިވާ ގޮތުން ސިނަމާތަކަށް ވަންނަ އެއް އާއިލާއެއް ނުވަތަ އެއް ގުރޫޕެއް ފިޔަވައި، ގޮނޑިބަރިތަކުގެ ހުރިހާ ކޮޅަކުން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސަންޖެހެ އެވެ.
އެއާއެކު އޮލިމްޕަސް އެއްފަހަރާ ބޭނުންކުރެވޭ މީހުންގެ އަދަދު ކުރިއަށްވުރެ މާ ބޮޑަށް ވެސް މަދުވާނެ އެވެ.
ކޮވިޑް-19 ފެތުރުމުގެ ކުރިން އޮލިމްޕަހުގައި އެޅުވުމަށް ގިނަ ފިލްމުތަކެއް ދިޔައީ އުފައްދަމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ފިލްމު ތަކުގެ ތެރޭގައި އައި ފިލްމްސްގެ ދެވަނަ ފިލްމް "ނީނާ" އާއި ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް ތައްޔާރުކުރި އެންމެ ބޮޑު ފިލްމް "ނޮވެމްބަރު" ހިމެނެ އެވެ.
އޮލިޕަސް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އަމިއްލަ ފަރާތްތަކުން ހިންގާ ޝްވެކް ސިނަމާ ހުޅުވައިގެން މިހާރު އަންނަނީ ފިލްމުތައް ދައްކަމުންނެވެ.