ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައެއް ފާހަގަ ކުރެވިގެން އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ ގްރޭޑް އެކެއްގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓުކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ ކަމަށެވެ. މިކަން މިނިސްޓްރީއަށް ފާހަގަވި ހިސާބުން އެކަން ޙައްލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފަށާފައިވާ ކަމަށެވެ.

އެގޮތުން މައްސަލަ ދިމާވި ގުރުއާން ފޮތުގެ އެސަފްޙާ ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެހެންކަމުން މިމައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ޤުރުއާން މާއްދާގައި ސޫރަތެއް ނުބައިކޮށް ލިޔެފައިވާކަން ފުރަތަމަ ހާމަކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ.ޝަހީމް ވިދާޅުވީ، ގްރޭޑް 01 ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީކަމަށެވެ. މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރުކަމަށްވެސް ޑރ.ޝަހީމް ވިދާޅުވި އެވެ. ޑރ.ޝަހީމް ވަނީ އެދަރިވަރުގެ ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ ހާމަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.