ގުރުއާން ފޮތްތަކުން މައްސަލަ ފެނުމާއި ގުޅިގެން، ހުރިހާ ގްރޭޑެއްގެ އިސްލާމާއި ގުރުއާން ފޮތްތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް ކުރަން ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަންގެ ބޭފުޅުން ނުހިމެނޭ މިނިވަން ފަންނީ ބޭފުޅުން ހިމެނޭ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.

މިފޮތްތައް ރިވިއު ކުރަން ފަށާފައި ވަނީ ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުން ޝާއިއުކޮށްފައިވާ ތަދުރީސުލް ގުރުއާން ގްރޭޑް އެކެއް ދަރިވަރުންގެ ފޮތުގެ ދެވަނަ ޔުނިޓުގެ 64 ވަނަ ސަފްހާގައި ދެ ސޫރަތެއްގެ އާޔަތްތައް އެކުލެވިފައިވާކަން ފާހަގަކުރެވިގެން ބެލި ބެލުމުން ކުރީގައި އެކުލަވާލާފައިވާ އެހެން ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ވެސް ކުށް ހުރި ކަމަށް ފާހަގަކުރެވިގެން ކަމަށް އެ އިންސްޓިޓިއުން ބުނެފައިވެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުން ވަނީ ތަދުރީސުލް ގުރުއާންގެ ގްރޭޑް އެކެއްގެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ސޫރަތުއް ނަބައު ކިޔަވާދޭއިރު ކީރިތި ގުރުއާންގައި އޮންނަ ގޮތަށް ކިޔަވާދިނުމަށް އަންގަވާފަ އެވެ. އަދި ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައިވާ ކުށް އިސްލާހު ކުރުމަށްފަހު މިފޮތުގެ ދެވަނަ ޔުނިޓުގެ 64 ވަނަ ސަފްހާ އޮންނަންވީ ގޮތަށް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށާއި، އިސްލާހް ކޮށްފައިވާ ސަފްހާ ދަރިވަރުންގެ ފޮތުގައި ތަތްކޮށްދެއްވުމަށް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުން ވަނީ އެދިވަޑައިގެންފަ އެވެ.

މި މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން ނޫސްވެރިންގެ ބަދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.