ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތްތަކުގައި ކުށް ލިޔެފައިވަނީ ކުރީ ސަރުކާރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ގުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ލިޔެފައިވާ ކުށްތައް ކަމަށެވެ.

"ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން. އެކެއް އަދި ދޭއްގެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް. އެ ފޮތްތަކުގައި ކުށް ހުރިކަން ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތައް ޗާޕްކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މިދިޔަ ހަފްތާގައި ފެންމަތިވެފައި ވަނިކޮށް ގްރޭޑު ދޭއް އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ބައެއް ފޮތްތަކުން މައްސަލައް ފާހަގަވި ހިސާބުން އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އަތުން ފޮތްތައް ނަގާ، މައްސަލަ ހުރި ފޮތްތަކުގެ ސޫރަތްތައް ރަނގަޅުކުރުމަށް ހުރިހާ ސްކުލްތަކަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ފޮތްތަކުން ކުށް ފެނުމަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުށް ފެނިފައިވާ ފޮތްތަކުގައި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތީ ކީއްވެގެންކަމާއި އެކަމުގައި އިހުމާލުވެފައިވަނީ ކޮންބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައިވާ މައްސަލައިގައި 2015 ވަނަ އަހަރުން ފެށިގެން ކުށްހުރި އިރު، މިވީ 5 އަހަރުގެ ތެރޭގައި އެއްވެސް ފަރާތަކުން އެކަން ފާހަގަކޮށްފައި ނުވަނީ ކީއްވެތޯ ގިނަ ފަރާތްތަކުންދަނީ ސުވާލު ކުރަމުންނެވެ. އަދި އެގޮތަށް ކުށްހުރިކަން އެނގުމުން ރިޕޯޓްކުރެވި އެ ކުށްތައް އިސްލާޙުކޮށްފައި ނުވަނީ ކީއްވެތޯ ވެސް ގިނަބަޔަކު ދަނީ ސުވާލުތައް ފެންމަތި ކުރަމުންނެވެ.