ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ފިލައިގެން އުޅެނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ގައުމުގައި ހައްޔަރުކޮށްފައިވާ ކަމަށް އެންމެ ފަހުން ފުލުހުން ބުނެފި އެވެ.

އަލީ ވަހީދު ހައްޔަރު ކުރިތާ ދުވަސްތަކަކަށްފަހު ފުލުހުން ބުނެފައި ވަނީ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތަށް ރަސްމީކޮށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ވަކީލުންގެ ޓީމު ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އަދި އެ ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ބުނެ ޓުވީޓެއް ވެސް ކުރައްވާފައިވެ އެވެ. އެ ޕްރެސް ކޮންފަރެންސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.

އޭނާ ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔަގީން ވެފައިވާއިރު، އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގައި ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.