ހިޔާ ފްލެޓްތަކުގައި ފިނިޝިން މަސައްކަތް ކުރަމުން އަންނައިރު އުފެދޭ ގާކުނޑި ފަދަ ކުނި އުކުމަށް ވަކި ސަރަހައްދުތަކެއް ހަމަޖައްސައިފި އެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މިހާރު ކުރިއަށް ދަނީ، އެކި ސަބަބުތަކާ ހުރެ، ކުރިން އެ އެއްބަސްވުންތަކުގައި ސޮއިނުކުރެވި ތިބި މީހުންނާ އެކު އެވެ.

ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި ވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރަމުން އަންނައިރު އުފެދޭ ކުނިތައް އެޅުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަޖައްސާފައި ވަނީ ފްލެޓްތަކުގައި ކުރާ މަސައްކަތްތަކުން އުފެދޭ ކުނި ބުނި، ބައެއް ފަރާތްތަކުން ފްލެޓްތަކުގެ ކައިރިން އެކި ސަރަހައްދުތަކަށް އަޅަމުން ދާތީ އެކަން ހުއްޓުވައި އެ ސަރަހައްދުގައި މީހުންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ، ގާކުނޑި އެޅުމަށް ހަ ސަރަހައްދެއް އެ ފްލެޓްތައް ކައިރިން ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ މި ސަރަހައްދުތައް ދެނެގަންނަން ފަސޭހަ ވާނެ ގޮތަށް ޗާޓެއް ނެރެފަ އެވެ.

ގާކުނޑި އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް ފާހަގަ ކޮށްފައިވާ ޗާޓް.. ފޮޓޯ:އެޗްޑީސީ

ގާކުނޑި އަޅަން ވަކި ސަރަހައްދެއް އެޗްޑީސީން ހަމަޖައްސާފައިވާއިރު، ބައެއް ފަރާތްތަކުން ގާކުނޑި އަންނަނީ އެކި ސަރަހައްދުތަކަށް އަޅަމުންނެވެ. މިކަމުގެ ސަބަބުން އެސަރަހައްދުގައި ހިނގާބިނގާވެ އުޅެން ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ.

މި ވަގުތު ހިޔާ ފްލެޓަށް ބައެއް އާއިލާތަކުން ދިރިއުޅުން ބަދަލު ކޮށްފައިވާ އިރު، ފިނިޝިން މަސައްކަތް ކުރުމުގައި އުފެދޭ ކުނި ބުނި އެޅުމަށް ވަކި ނިޒާމެއް ހަމަޖައްސާފައި މިވަނީ ފްލެޓްތަކަށް މީހުން ވަދެ ނުކުތުމުގައި އެއްވެސް ދަތިކަމެއް ފޯރިޔަ ނުދިނުމަށެވެ.