އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރާ ފަންނީ ސިވިލް ސާވިސް މުވައްޒަފުންނަށް އަލުން ސެޓްފިކެޓް ޕްރޮމޯޝަން ދިނުމަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓްރީއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން މަޑުޖައްސާލާފައިވާ ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް ވަކި ފެންވަރެއްގެ ސަނަދެއް ހާސިލްކުރުމުން ދެވޭ ޕްރޮމޯޝަން (ސެޓްފިކެޓް ޕްރޮމޯޝަން) ދިނުމުގެ ކަންކަން އަންނަ މަހުން ފެށިގެން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގާފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގައި ތިބި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދިނުން އަންނަ މަހުން ފެށިގެން ކުރިއަށްގެންދެވޭނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ޕްރޮމޯޝަން ޗިޓް އެޕްރޫވްވި ތާރީހުން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދޫނުކުރެވިހުރި މުސާރައާ އިނާޔަތްތައް ދިނުމާގުޅޭ ގޮތުން މިހާރު ސިވިލް ސާވިސް ކޮމިޝަނުން ކަމާގުޅޭ އިދާރާތަކާއެކު ކުރިއަށްދާ މަޝްވަރާތައް ނިމުމުން، އެފައިސާ ދިނުމާމެދު ވަކި ގޮތެއް އަންގާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް އޭގެ ކުރިން ދޫ ނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ސީއެސްސީން ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުން ދާތީ، އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް އަންގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސެޓްފިކެޓް ޕްރޮމޯޝަނަކީ، ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް، ވަކި ތައުލީމީ ވަކި ސަނަދެއް ހާސިލުކުރުމުން ދޭ ޕްރޮމޯޝަނެކެވެ.