ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އޭނާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވެންޓިލޭޓަރުތައް ގަތުމުގެ ކަންތައްތަކުގައި މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކޮށްފައި ވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރީ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތެއްގައި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ހުއްދަ ނަގަންޖެހޭ ކަންތައްތަކުގައި އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަދި އެކަމުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހޯދަން ޖެހުނު ލަފާތައް ވެސް ހޯދާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ކުންފުންޏާ ހަވާލުކުރީ އެއަށްވުރެ ކުޑަ އަގެއްގައި އެހެން ކުންފުނިތަކަކުން ހުށަހަޅާފައި ވަނިކޮށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައިވެއެވެ.

އެ ވެންޓިލޭޓަރުތައް ގަތުމަށް އެ ކުންފުންޏާ ހަވާލުކުރީ ޖުމްލަ 34.50 މިލިއަން ރުފިޔާއަށެވެ. އަދި އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލައި މަސައްކަތުގެ 90 ޕަސެންޓަށްވާ، 30.91 މިލިއަން ރުފިޔާ އެކުންފުންޏަށް ދިންކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހްގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގަވާފައެވެ.