ސ. ހިތަދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިގެން ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ސަބްއިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނަޒުމީން (ސ. ނަންބަރު 3488) މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭނާ ވަޒީފާއިން ސަސްޕެންޑް ކުރީ ވަޒީފާއާ ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއް، އެކުއްޖާގެ އުމުރުން 16 އަހަރާއި ހަމައަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި އެ ފުލުސް މީހާ އެގޭގެ ފާހަނާގައި ކެމެރާ ހަރުކޮށްގެން އެކުއްޖާގެ ވީޑިއޯކޮށް ބްލެކްމެއިލް ވެސް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

މި މައްސަލަ ފެމިލީ ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްސީޕީއޭ) އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.