އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވަކިކުރަން މިއަދު ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ މެމްބަރުން ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

މެމްބަރު ހަސަން އެގޮތަށް ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ތަހުގީގުކޮށް ފޮނުވުމުން އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް މިއަދު ނިންމަވާފައި ވަނިކޮށެވެ. އެ މައްސަލައިގައި ދައުވާ ކުރަން ނިންމާފައި ވަނީ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ނެތި ކަމަށް ބުނެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ނިންމުމުން، އޭސީސީގެ ގާބިލުކަމާ މެދު އެމްޑީޕީގެ މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި މަޖިލިހުގެ ތަޅުމުގައި އާއި ކޮމިޓީތަކުގައި އެމްޑީޕީގެ މެމްބަރުން ވަނީ އޭސީސީގެ އެކި ކަންކަމަށް ފާޑު ވިދާޅުވެފަ އެވެ.

ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމަށް، އޭސީސީ މެންބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުުރުފަހު 2:00 އަށް ތާވަލްކޮށްފައިވެ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ މެމްބަރުން ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

އޭސީސީން ޕީޖީގައި އެދުނީ މިނިސްޓަރު އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު، އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އޭސީސީ އަށް އިތުބާރެއް ނެތް ކަމަށެވެ.

"މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާ އިރަށް ހާޒިރުވާން އަންގާފައި ވަނިކޮށް ހެނދުނު އަށެއް ޖެހިއިރު، އަވަސް އަރުވާލާފާ، ދަށް ފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީޖީ އޮފީހަށް ފޮނުވުގެ ނަތީޖާ،" މީކާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އޭސީސީގައި ތިއްބެވި ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެމްބަރު އަލީ އަޝްރަފާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲ އެވެ.