ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން 56 ފުލުހުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަރު ހަމީދު ވިދާޅުވީ ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"56 ފުލުހަކު 16 ޓަވަރުގެ ސަރަހައްދުގައި ބޭނުންވާނެ ކަމަށް މި ބަލަނީ،" ހަމީދު ވިދާޅުވި އެވެ. "ހަތަރު ވަނަ ޓަވަރުން ޖާގަ ލިބިފައިވަނީ އެ ތަނުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް. އެ މަސައްކަތް ވަނީ ފަށާފައި."

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، އެތަނުގައި ހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ހުށަހަޅާ ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބައްދަލުކުރަނީ. ފޮޓޯ: މަޖްލިސް

އެ ސަރަހައްދުގެ އަމާންކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން ކޮމިޓީގައި މެންބަރުން ސުވާލު ކުރެއްވުން ކޮމިޝަނަރު ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި ގާތްގަނޑަކަށް 35،000 ވަރަކަށް މީހުން އާބަދުވެގެންދާއިރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.

ހަމީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ގޮތްތަކާ އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއެކު ކުރިމަތިވެދާނެ މައްސަލަތަކާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމައި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"މިހާރު އެ ސަރަހައްދުގައި ބައެއް އާއިލާތަކުން ދިރިއުޅެން ފަށައި އަދި ބައެއް އާއިލާތަކުން ދިރިއުޅެން ފަށަން ތައްޔާރުވަމުން ދަނީ. ފްލެޓުތަކުގައި ކުރެހުމާއި އެ ސަރަހައްދުން ވައްކަން ކުރުން ފަދަ ކަންކަން މިހާރު ވެސް ދިމާވޭ. ހުޅުމާލެ ޕޮލިހާ ގުޅިގެން އެފަދަ ކަންކަން ބަލައި ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދެމުން ދަނީ،" ހަމީދު ވިދާޅުވި އެވެ.