ސަރުކާރު ހިންގާ އެމްޑީޕީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގޯސްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮރަޕްޝަން މައްސަލައެއް ބަލައި ޚިޔާނާތްވި 444 ރުފިޔާ ދައްކަން އެންގި ހިސާބުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 444 ރުފިޔާ ދައްކަން ރައީސް ނަޝީދަށް އެންގުމުގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެމްޑީޕީގެ އިތުބާރު އެއްކޮށް އޭސީސީއަށް ގެއްލިފައިވާ ކަމަށެވެ.

އޭސީސީން ބެލި މައްސަލައަކަށްފަހު 444 ރުފިޔާ ދައްކަން ރައީސް ނަޝީދަށް އެންގުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މާލޭގެ މޭޔަރު ޝިފާއަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ވެސް އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުންގެ ނުރުހުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފަ އެވެ.

އޭސީސީގެ ފަސް މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައެވެ. އެކަމާ ގުޅޭ ޚާއްސަ ބައްދަލުވުމެއް މާދަމާ އޮންނާނެ އެވެ.

މޭޔަރު ޝިފާގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވީނަމަވެސް އެ މައްސަލާގައި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޝިފާއަކީ އޭނައާ ދެބެއިންގެ ދެދަރި މީހެއް ކަމަށްވާތީ އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަން ނުކެރޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.