ދުބާއީ (25 ސެޕްޓެމްބަރު) - ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރު އޮފީސްތަކުގެ 50 ޕަސެންޓް ބަންދުކޮށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށް ދުބާއީގެ ނާއިބު ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުހައްމަދު ރާޝިދު އަލް މަޚްތޫމް އިއުލާން ކުރައްވައިފި އެވެ.

އެ ގައުމުގެ ސަރުކާރުގެ އާ ސިޔާސަތުތަކާ ބެހޭ ގޮތުން ކުރެއްވި ޓުވީޓތަކެއްގައި މަޚްތޫމް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރު އޮފީސްތަކުގެ 50 ޕަސެންޓް ބަންދުކޮށް ބައެއް އޮފީސްތަކުގެ މަސައްކަތްތައް އެހެން އޮފީސްތަކުގެ ދަށަށް ގެނެވި ސަރުކާރުގެ ޚިދުމަތްތައް އޮންލައިން ކޮށްދޭ ގޮތަށް ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

އެގޮތުން "ކޮލިޓީ އޮފް ލައިފް އެންޑް ހެޕިނަސް" ޕޯޓްފޯލިއޯ މިނިސްޓްރީ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދަށަށް ގެނެވި ފެޑަރަލް ހިއުމަން ރިސޯސަސް އޮތޯރިޓީގެ މަސައްކަތްތައް ޔޫއޭއީ ކެބިނެޓް އޮފީހުގެ ދަށަށް ބަދަލު ކުރެވޭނެ އެވެ.

ހަމައެއާއެކު މިނިސްޓްރީ އޮފް ކަލްޗާގެ ދަށުން ހިންގާ ނެޝަނަލް މީޑިއާ ކައުންސިލްއާއި ފެޑެރަލް ޔޫތު އޮތޯރިޓީ އުވާލައި މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޔޫތުގެ ނަމަށް ބަދަލު ކުރެވިގެންދާނެ އެވެ.

މީގެ އިތުރުން ވެސް ގިނަ ބަދަލުތަކެއް ސަރުކާރުގެ ހިންގުމަށް ގެންނަން ހަމަޖެހިފައިވާއިރު މި ބަދަލުތަކުގެ ސަބަބުން ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަވާނެ ކަމަށް އެގައުމުން ބުނެ އެވެ.

ނަމަވެސް މި އާ ބަދަލުތަކާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި އާއްމު ދިރިއުޅުމުގެ ފެންވަރު ދަށަށް ހިނގައިދާނެ ކަމަށް އިގްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ. -- އަލް އަރަބިއްޔާ