ކޮވިޑާ ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކުރުމަށް ފަހު އަލުން މިވަނީ ސިނަމާތައް ހުޅުވަން އިންޑިއާގެ ސަރުކާރުން ހުއްދަ ދީފަ އެވެ. އެގޮތުން އަންނަ މަހުގެ 22 ވަނަ ދުވަހު ސިނަމާތައް ހުޅުވަން ނިންމުމާ ގުޅިގެން ބޮލީވުޑް ފިލްމުތައް އުފައްދާ ގިނަ ފަރާތްތަކުން މިވަނީ އެ މީހުންގެ ފިލްމުތައް ސިނަމާގައި ރިލީޒްކުރާނެ ތާރީހުތައް އިއުލާންކުރަން ފަށައިފަ އެވެ.
މިހާރު ބޮލީވުޑްގައި ކާމިޔާބު ފިލުމުތަކެއް އުފައްދާ ސާޖިދު ނަދުއަދުވާލާގެ ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓުން ވަނީ އެ ކުންފުނިން ޕްރޮޑިއުސްކޮށްފައިވާ ފިލްމުތައް ރިލީޒްކުރާނެ ތާރީހުތައް އިއުލާންކޮށްފަ އެވެ. އެގޮތުން "83" އާއި "ހީރޯޕަންތީ 2" އަދި "ތަޑަޕް" ގެ އިތުރުން "ބައްޗަން ޕާންޑޭ" ސިނަމާތަކުގައި ރިލީޒް ކުރާނެ ތާރީހު ވަނީ އިއުލާނު ކޮށްފަ އެވެ.
ސާޖިދު ބުނީ އޯޓީޓީ ޕްލެޓްފޯމުތައް މެދުވެރިކޮށް ފިލްމު ރިލީޒްކުރުން އޭނާއަކަށް އެހާ ކަމަކުނުދާ ކަމަށާއި އޭނާ އަބަދުވެސް މަޑުކުރީ ސިނަމާތައް ހުޅުވަންދެން ކަމަށެވެ.
83
ރަންވީން ސިންގް އާއި ދީޕިކާ ޕަދްކޯން ލީޑް ރޯލުން ފެނިގެންދާ "83" ފިލްމަކީ ކަބީރު ޚާން ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި ރަންވީރު ކުޅެނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ފިލްމުތައް ގެނެސް ދިން ކަބީރުގެ "83" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މިއަހަރުގެ ކްރިސްމަސްއާ ދިމާކޮށް ޑިސެމްބަރު 25 ގަ އެވެ.
ބައްޗަން ޕާންޑޭ
ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އަކީ ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މިފިލްމުގައި އަކްޝޭ އިތުރުން ދެން ލީޑްރޯލުން ފެނިގެންދާނީ ކްރީތީ ސެނަން އަދި ޖެކޮލިން ފެނާންޑޭޒް އެވެ.
"ބައްޗަން ޕާންޑޭ"ގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، އޭގައި އަކްޝޭ ފެންނަނީ ކަރުގައި ޗޭނުތަކެއް އަޅައިގެން މުންޑެއްލައިގެން ހުއްޓަ އެވެ. ޕޯސްޓަރުން ފެންނަ ލުކަށް ބަލާ އިރު، މިއީ އޭނާ އަނެއްކާ ވެސް ވަރަށް ތަފާތު ކެރެކްޓާއަކުން ފެނިގެން ދާނެ ފިލްމެކެވެ.
"ބައްޗަން ޕާންޑޭ" ސިނަމާތަކުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހު އެވެ.
ހީރޯޕަންތީ 2
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2"ގެ ލީޑު ރޯލުން ފެނިގެންދާނީ ޓައިގާ ޝްރޮފް އާއި ކްރިތީ ސަނޮން އެވެ. މިއީ މީގެ ހަ އަހަރު ކުރިން ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފުވި ފިލްމު "ހީރޯޕަންތީ" ގެ ދެވަނަ ބައި އެވެ.
މިފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.
ތަޑަޕް- އޭން އިންކްރެޑިބަލް ލަވް ސްޓޯރީ
ސުނިލް ޝެޓީގެ ދަރިފުޅު އާހަން ޝެޓީ ލީޑުރޯލުން ފެނިގެންދާ "ތަޑަޕް" އަކީ މިލާބް ލުތުރިއާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. އަހާންގެ އިތުރުން މިފިލްމުގައި ދެން ފެނިގެންދާނީ ތާރާ ސުތާރިއާ އާއި ސައުރަބް ޝުކްލާގެ އިތުރުން ކުމުދް މިޝްލާ އެވެ.
ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ.