ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އެކުލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނަމުން އަންނަ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުން ފާރަވެރިވެ، އެ ކަން ކުރި ބަޔަކު ފެންނަން ދެން މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުުމަތު ކުރެވޭ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފަ އެވެ.

އަދި އަމީން ވަކިކުރަން 24 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ ރޭ ދަންވަރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، ރޭގެ އިޝާ ނަމާދަށް ފަހު މައްސަލައިގެ ނޯޓިސް އަމީނަށް ފޮނުއްވި ކަމަށެވެ. އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި އަމީން އިސްތިއުފާ ދެއްވި ކަން މީޑިއާ އިން އެނގިވަޑައިގެންފައިވާތީ، އުސޫލެއްގެ ގޮތުން އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމާ ގުޅޭ ގޮތުން އޭސީސީ އާއި ފުލުހުން ހިންގި ތަހުގީގާ މެދު ޕްރޮސެކިއުޓަ ޖެނެރަލަށް ހިލާފު އުފެދިފައިވާ ކަމަށެވެ. މި ހިލާފު އުފެދިފައިވާތީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"ވެންޓިލޭޓަރުތައް ގަތުމުގެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަނބުރާ ދައުލަތަށް ހޯދުން، އެކަން ނިމެންދެން މަޖިލިސް ފާރަވެރިކަމާ އެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލިހުގެ ގާނޫނީ ވާޖިބެއް،" މަޖިލިހުގެ މަންޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ވައްކަމާއި ހިޔާނާތުގެ ކަންކަން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި އަށަގަނެ ހިނގަމުން ނުދިއުމަށް މެމްބަރުން އަބަދުވެސް ތިއްބަވަނީ "ކަމަރު ބަންނަވައިގެން" ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެކެވެ.