އާއްމު ރައްޔިތުންގެ ސިމް ކާޑުތައް ކްލޯން ކޮށްގެން ޖާސޫސްކުރަމުންދާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފި އެވެ.

ސައީދު މިވާހަކަތައް ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހެއްކާބެހޭ ބިލަށް ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނާ ގުޅިގެން ވަޓްސްއެޕް މެދުވެރިކޮށް ދޭދޭ ފަރުދުން ކުރާ މުއާމަލާތްތައް ވެސް ބޭރުގެ ފަރާތަކުން ބަލަމުންދާ ކަމަށެވެ.

"މިއަދު މިއިވެނީ ރައްޔިތުންގެ ސިމް ކާޑުތައް ނަކަލުކުރަމުން، ކްލޯން ކުރަމުންދާ އަޑު. އެތައް ހާސް ސިމްކާޑެއް ބޭރުގެ ބަޔަކު ދިވެހިރާއްޖޭގެ ޓެލެކޮމް ވަސީލަތްތަކާ ގުޅިގެން ކުރަމުން އެބަދޭ އިއްޒަތްތެރި ރައީސް. ވަޓްސްއެޕުން ދިވެހި ރައްޔިތުން ފޮނުވާ މެސެޖްތައް ވިޔަފާރީގެ އިންޓެލިޖެންސް އަދި ދޭދޭ ފަރުދުންގެ މުއާމަލާތްތައް ބޭރުގެ އެމްބަސީއަކާ މި ރާއްޖޭގެ ލޯ އެންފޯސްމަންޓް އެޖެންސީއަކާ ގުޅިގެން ސްކޭން ކުރަމުން ދިއުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް،" ސައީދު ވިދާޅުވި އެވެ.

ހަމައެއާއެކު ފުލުހުންގެ ގާނޫނުގެ ދަށުން މިހާރު އެކުލަވާލާފައިވާ ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދުގައި ހުރި ކަންބޮޑުވާ ކަންކަމުގެ މައްޗަށް ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.

ސައީދު ވިދާޅުވީ އެ ގަވައިދުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސްގެ ނަމުގައި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގައި އެކައުންޓުތައް ހަދައިގެން ވަރަށް ނުރަނގަޅު ނުބައި ކަންތައްތައް ހިންގުމުގެ ބާރު ލިބޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގޭތެރޭގައި ކެމެރާ ހަރުކޮށްގެން މީހުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ދައުލަތަށް ވަދެވޭ ގޮތަށް އޮތުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށެވެ.

"ކާކުތޯ ރުހޭނީ އައިސް ދެމަފިރިން ނުވަތަ އާއިލާގެ ޕްރައިވެސީ ލިބެންޖެހޭ ކަމެއްގެ ތެރެއަށް ދައުލަތް ވަންނަން،" ސައީދު ސުވާލު އުފެއްދެވި އެވެ. "ޕޮލިސް ގަވައިދަށް ގެނެވުނު ބަދަލަކީ 6 މެއިގެ ހަމަލާ އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރާނެ އެއްޗަކަށް ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅު."