ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ތުރުކުރައްވައިގެން އޮންނެވީ ނަސްރީނާގެ ހެދުމެއް ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ މާ ޖެހި "ޕިޖާމާ" ކަމަށް ވިދާޅުވެއްޖެ އެވެ.

މައުމޫން، 82، މިގޮތަށް ވިދާޅުވީ ޒީނަތު ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއް ރިޓުވީޓުކޮށް ދެއްވި ރައްދުގަ އެވެ.

މައުމޫން ކުރެއްވި ޓުވީޓް

ޒީނަތް ކޮށްފައިވާ ޓުވީޓުގައި ވަނީ ހޮސްޕިޓަލްގައި އެޑްމިޓްވެގެން އޮންނެވި އިރުވެސް ނަސްރީނާގެ ހެދުމެއް ތުރުކުރައްވައިގެން އޮތުމުން ދެ ބޭފުޅުންގެ ދެމެދުގައިވާ ލޯބި ހާމަވާކަމަށާއި މިއީ ލޯބީގެ މިސާލެއްކަމަށް ސިފަކޮށްފަ އެވެ.

"ތިވިދާޅުވި ހެޔޮ ބަސްތަަކަަށް ޝުކުރު ދަންނަވަން. އެހެންނަމަވެސް އަޅުގަނޑު ލައިގެން މިއޮތީ އަޅުގަނޑުގެ މާޖެހި ޕިޖާމާއެއް،" ޖަވާބުގައި ކުރެއްވި ޓުވީޓުގެއި އެމަނިކުފާނު ވިދާޅުވި އެވެ.

ދާދިފަހުން މައުމޫން ވަނީ އަނބިކަނބަލުން، ނަސްރީނާއަށް ވީޑިއޯ ކޯލް ކުރައްވާ ފޮޓޯއެއް ޓުވީޓު ކުރައްވާ ހާލުކޮޅު ރަނގަޅުކަމުގެ މެސެޖް ދެއްވާފަ އެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުން ވަރަށް ރަނގަޅަށް ހިދުމަތްކޮށްދޭ ކަމަށާއި މާތްﷲގެ އިރާދަަފުޅުން ވަރަށް އަވަހަށް އެނބުރި ގެއަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ޓްރީޓޮޕަށް ވަޑައިގެން ޓެސްޓު ކުރެއްވުމުންނެވެ. ނަތީޖާ ލިބުމާއި އެކު އެރޭ އެމަނިކުފާނު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެެން ފަރުވާދޭން ފަށާފަ އެވެ.

އަނބިކަނބަލުން ނަސްރީނާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން އެކަމަނާ ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ.