ހެލްތު މިނިސްޓްރީގެ ބޭނުމަށް ޑުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ނިންމެވި ނިންމުމާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަމުންދާ މައްސަލަ މިމަހުގެ ނިޔަލަށް ނިންމުމަށް ޖުޑީޝަލް ކޮމިޓީން ފާސްކޮށްފި އެވެ.
މިމައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ މައްސަލައާ ގުޅޭގޮތުން ލިޔުމުން މައުލޫމާތު ހޯދުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމަށާއި އަންނަ ހަފްތާގެ ދުވަހެއްގައި ޕްރޮސިކިއުޓަ ޖެނެރަލް ހާޒިރުކޮށް މައުލޫމާތު ސާފުކުރެއްވުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާތީ އޭސީސީން އެމައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ ހެކި ނެތް ބުނެ ދައުވާ ނުކުރުމަށް ނިންމާފަ އެވެ.
ޕީޖީ ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަހުގީގުން ފެންނަން ނެތް ކަމަށެވެ. އަދި މިކަމުގައި ޖިނާއީ ދައުވާއެއްކޮށް ސާބިތުކޮށް ދެވޭނެ ހާލަތެއް ވެސް ނެތް ކަމަށް ވެސް ޕީޖީ ވިދާޅުވެފައިވެ އެވެ.