އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
މިމައްސަލަ ހުށައެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ.
ސިރާޖު ހުށައެޅުއްވި މައްސަލައިގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވެފައިވާތީ އެކަން ހިނގާފައިވާގޮތް ބެއްލެވުމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށައަޅާ ކަމަށެވެ.
ސީރާޖު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވެސް ގެންދަވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް 6 މެއި ވަނަ ދުވަހު ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ކަމަށާއި އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް ހަމަލާދެވުނީ ސެކިއުރިޓީ ވެގެންކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މަޖިލީހުގެ 241 ކޮމިޓީން ހިންގުނު ޕާލިމެންޓްރީ އިންކުއަރީން ފާހަގަކުރެވުނު އެއްކަމަކީ އެ ހަމަލާ ދެވިފައިވަނީ ވެސް ސަ؛ލާމަތީ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ ކަންކަން ބަލަންޖެހޭ މިންވަރަށް ބެލިފައި ނުވާތީ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
"އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތެއް ކަމަށްބުނެ ނިންމާލެވޭ ވަރަށްވުރެ މިފަދަ ކަންކަން ސީރިއަސްކޮށް ނަގަންޖެހޭ ހިސާބަށް ގައުމުގެ ހާލަތުވަނީ ގޮސްފައި،" ސިރާޖު ހުށައެޅުއްވި މައްސަލައިގައިވެ އެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން ދެ ބާރުގެ ސެކިއުރިޓީ ބްރީޗްވުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭ ބިރުވެރި ކަމެއްކަމަށް ވެސް މި މައްސަލައިގައި ބުނެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލީ މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރީ ވެސް މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށެވެ. އަދި މައްސަލަ މިހާރު ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ކޮންތާކު މި ސަރުކާރުން ޖައްސާ ގޭމެއްތީ މިހާރު، މިސަރުކާރުން މިހާރު ލާ އިންސާނީ ބޭއަދަބީ ލާދީނީ ފާޙިޝް ކަން ކަން ފޮރުވަން ދައްކާ ބަހަނާ ތި ހުންނަނީ، މިސްކިތްތަކަށާ ގަުމުގެ ހުރުމަތްތެރި ތަންތަނަށް ގަލޯހާޖާ ކޮށް މަގުތަކުގާ ބަރަހަނާ ހާލުގާ ރޯމާ ދުވާލު އުޅުން ވެސް އޯކޭ، ދެން މައްސަލަ ބަލަންޏާ ބޮލުން ނައްޓާލަން އެއްމެ ފސޭހަ ބަސް މަސްތުވާ މީހެއް ނުކުޅެދޭ މީހެއް މިހެން ބުނެ ޒިއްމާއިން ރެކެން ދައްކާ ބަހަނާ އެއީ.