ގައުމުގެ އިންސާނީ ވަޞީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބެއްގަ އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ސޯލިހު ވަނީ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ތައުރީފުކުރައްވާ އެބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުދައްރިސުންކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ގައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަގީންވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ހިތޯބުގައި ރައީސް ވަނީ މުޖްތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މުޖުތަމައުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ރައީސް ސޯލިހުގެ ހިތޯބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ތައުލީމީ އުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުމަށް ބާރުއަޅުއްވާފަ އެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ، ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.

މީގެ އިތުރުން މިއަދުގެ ހިތޯބުގައި އެމަނިކުފާނު ވަނީ މުޖުތަމައުގެ ނޭދެވޭކަންކަން އިސްލާހުކުރުމަށް، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަހުލާގާއި، އިޖްތިމާއީ އަދަބު އިހުތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފަ އެވެ.