ގއ. ގެމަނަފުށިން ކޮވިޑް ޖެހުނު ދެވަނަ މީހަކު، ހާލު ސީރިއަސްވެގެން ގދ. ތިނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

ގެމަނަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު މުއާޒު ވިދާޅުވީ އެ ރަށުގައި ކޮވިޑް ޖެހިފައިވާ އުމުރުން 86 އަހަރުގެ ފިރިހެނަކު ހާލު ބޮޑުވެގެން ގދ. ތިނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ތިނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރީ އޮކްސިޖަން ލެވެލް ދަށްވުމާ ގުޅިގެން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"މިރަށުން ކޮވިޑްޖެހުނު ވަރަށް އުމުރުން ދުވަސްވީ މީހެއްގެ އޮކްސިޖަން ލެވެލް ދަށްވާތީ، ގދ. ތިނަދޫ ފެސިލިޓީއަށް ވާނީ ފޮނުވިފައި،" މުއާޒު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ކޮވިޑް ޖެހިގެން އުޅޭތާ ދިހަ ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި ހާލު ސީރިއަސްވެގެން އުޅޭތާ ދެ ދުވަސް ވެފައިވާ ކަމަށް އާއިލާ އާއި ހަވާލާދީ ހުވަދޫ ނޫހުގައި ވަނީ ބުނެފަ އެވެ. އެ މީހާގެ ހާލު ދެރަވެފައި ވަނިކޮށް އިއްޔެ ގެމަނަފުށިން ވަނީ ދެވަނަ މީހަކު ވެސް ތިނަދޫ ފެސިލިޓީއަށް ގެންގޮސްފަ އެވެ.