ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު އެއް މަސައްކަތަށް ހަދަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސް ވަނީ ރާއްޖޭގެ މާހައުލީ ނިޒާމު، އޭގެ ތަބީއީ ހާލަތަށް އިއާދަކޮށްދިނުމަކީ އޭގެ މައްޗަށް ދިވެހިންގެ ދިރިއުޅުމާއި އަދި އިގްތިސާދުވެސް ބިނާވެފައިވާ ކަމެއްކަން ފާހަގަކުރައްވައި އެ މަސައްކަތުގައި އައު އަޒުމަކާއެކު ތެދުވުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަކީ ގައުމިއްޔަތު ހިމާޔަތްކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަށްވާ ސަބަބު ބަޔާންކޮށްދެއްވަމުން ރައީސް ވަނީ ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމިއޮންނާނީ ވެސް އަދި ގައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ ވެސް، އެ ގައުމެއް މިބިންމަތީގައި ވުޖޫދުވެ އޮވެގެންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކަކީ ރާއްޖޭގެ ދެމިއޮތުމަށް އެންމެބޮޑަށް ނުރައްކާކުރާ މައްސަލަކަން ފާހަގަކުރައްވައި އެ ބިރުވެރި މަންޒަރު މިހާރުގެ އިލްމީ ހަގީގަތްތަކުން ވެސް ފެންނަން އެބައޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މިތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީޚު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެ ފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާ މެދު ވިސްނަންޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު،" ތިމާވެށީގެ މައްސަލައިގެ ނާޒުކުކަން ހާމަކޮށްދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތްފެށުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ޖީލަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ، އެންމެ ފަހު ޖީލަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ކުޑަ ނަމަވެސް މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އަދި ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއްކޮށް އަދި އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ވެސް ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށްކަމުގައި ވިދާޅުވި އެވެ. އަދި މިކަންކަމުން ދޭހަކޮށްދެނީ ވަކިވެގެން އުޅުމުގެ ބަދަލުގައި، ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިފައިވާ މިފަދަ ކަންކަމުގައި ހުރިހާ ގައުމުތަކެއް އެކުގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި އެކަމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މައިދާންތަކުގައި އެންމެބޮޑަށް އަޑު އުފުލަމުންދާ އަދި މިކަމުގައި ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އެންމެ އިސް ސަފުގައި ވަކާލާތުކޮށް އަޑުއުފުލަމުންދާ އެއް ގައުމެކެވެ.