މާލޭގެ ބޮޑު ބަޔަކު މިއަދު ހެނދުނުން ފެށިގެން ކަރަންޓު ކެނޑިއްޖެ އެވެ.

މާލެއިން ކަރަންޓު ކެނޑެން ފެށީ ހެނދުނު 8:15 ހާއިރު އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮަށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން ފެށީ 8:45 ހާއިރު އެވެ. އަދި ގަޑިއެއްހާއިރުތެރޭ ހުރިހާސަރަހައްދަކަށް ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯ އިން އޭރު ބުންޏެވެ.

ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ 80 ޕަސެންޓަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް ވަނީ ކަރަންޓު ކެނޑިފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މި މައްސަލަވެސް ހައްލުކޮށް މިހާރު މިގެންދަނީ އަލުން ކަރަންޓު ދެމުން. މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވެނީ ގަޑިއެއްހާާއިރު ތެރޭ. ދިމާވާނެ ދަތިތަކަށް އަދިވެސް އެއްފަހަރު މާފަށް އެދެން،" ސްޓެލްކޯ އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

މާލޭގެ ބޮޑު ބަޔަކު ކަރަންޓު ކެނޑުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.